ހަތް ރަށެއްގައި އިމާރާތްކުރަން ނިންމާފައިވާ ހޮސްޕިޓަލްތައް އަޅައިދޭނެ ފަރާތްތައް ހޯދަން އަނެއްކާވެސް ޢިއުލާންކޮށްފިއެވެ.
މި ހޮސްޕިޓަލްތައް އަޅާނެ ފަރާތްތައް ހޯދަން މީގެ ކުރިން ވެސް ދެ ފަހަރަކު ވަނީ ޢިއުލާންކޮށްފައެވެ. މިގޮތުން އެންމެފަހުން ޢިއުލާން ކުރީ މިދިޔަ ނޮވެމްބަރ މަހުގެ ކުރީ ކޮޅުއެވެ.
މި ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ރަށްތަކަކީި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ އާއި ކ. ތުލުސްދޫ އެވެ. އަދި އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުއްޓެވެ. މިރަށްތަކުގައި އަޅަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލް ތަކެކެވެ.
ފިނޭންސް މިނިސްޓްރީން މި ރަށްތަކުގައި ހޮސްޕިޓަލް އަޅާނެ ފަރާތްތައް ހޯދަން މިއަދު ޢިއުލާން ކުރީ މިކަމަށް ކުރިން ކުރި ޢިއުލާން އިސްލާޙް ކުރުމަށްފަހުއެވެ.
ކުވެއިތު ފަންޑުގެ އެހީގައި އިމާރާތްކުރާ މި ހޮސްޕިޓަލްތައް އެޅުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ ވާދަވެރި ބިޑުކުރުމުގެ އުސޫލުގެ ތެރެއިން ނެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހޭއިރު، މި ހޮސްޕިޓަލްތައް އެޅުމަށް ކުރިމަތިލާ ޝަރުތުހަމަވާ ފަރާތްތަކުން ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!