ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ތައާރަފު ކުރި "އެއާ ސުވިދާ" ފޯމު ފުރަން ނުޖެހޭ ގޮތް ހަދައިފި އެވެ.
އެ ފޯމު ތައާރަފު ކުރީ ކޮވިޑް ކޮންޓްރޯލް ކުރުމަށް، އިންޑިއާއަށް އެތެރެވާ މީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށެވެ. އެ ފޯމް ފުރަން ހަމަޖައްސާފައި އޮތީ އޮންލައިންކޮށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން ވަނީ އެ ނިންމުން އަލުން ރިވިއު ކުރުމަށް ފަހު އިއްޔެއިން ފެށިގެން އެ ފޯމް ފުރަން ނުޖެހޭ ގޮތަށް ނިންމާފައި އެވެ. އަދި އިންޑިއާއަށް ދަތުރު ކުރާ ފަރާތްތަކުން އެމީހަކު ދަތުރު ކުރާ ގައުމަކުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވުން ވަނީ މަޖުބޫރުކޮށްފައި އެވެ.
މީގެ އިތުރުން ފްލައިޓުގައިވެސް ކޯވިޑާއި ގުޅޭ ފިޔަވަޅުތައް އެޅުމަށް އަންގާފައިވެ އެވެ. އެގޮތުން މާސްއެޅުން އެދެވިގެންވާ ކަމަށް އެންގުމާއި ދަތުރު މަތިން ކޯވިޑްގެ އަލާމާތެއް ހުރި މީހަކު ދެނެގަނެވިއްޖެ ނަމަ އިންޑިއާއަށް ދިއުމާއެކު އެކަހެރިވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގެ އެއާޕޯޓުތަކުގައި މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ނިންމީ މިދިޔަ ހަފްތާގައި އެވެ.
އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން އެއާ ސުވިދާ ފޯމް އުވާލާފައި މިވަނީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތައް އުވާލައި، ގައުމު އާންމު ހާލަތަށް ގެނެސްފައި ވީނަމަވެސް އަދިވެސް އެ ފޯމު އުވާނުލެވިގެން އުޅެނީ ކީއްވެތޯ އެ ގައުމުގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރަކު ސުވާލު ކޮށްފައިވަނިކޮށެވެ.
ކޮވިޑްގެ ފިޔަވަޅުތައް އުވާލައި ގައުމު އާންމު ހާލަތެއްގައި ކުރިޔަށް ދެވިދާނެ ކަމަށް ނިންމައި ބައިނަލް އަގުވާމީ ވައިގެ ބޯޑަރު އިންޑިއާއިން ހުޅުވާލީ މިއަހަރުގެ މާޗް 27 ވަނަ ދުވަހު އެވެ. އެއީ ބޯޑަރު ބަންދު ކުރިތާ ދެ އަހަރާއި ދެ ދުވަސް ފަހުންނެވެ.
އިންޑިއާގެ ކޮވިޑްގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެގެ ނިޔަލަށް ބަލި ޖެހިގެން ފަރުވާ ދެމުންދާ 6،402 މީހުން އެބަތިއްބެވެ. މިހާތަނަށް އެ ގައުމުގައި ބަލި ޖެހިފައިވަނީ 4,46,69,421 މީހުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!